ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފި ކަމަށާއި ސިޓީ ކައުންސިލުން ހެރިޓޭޖް މިނިސްޓްރީއަށް އެތަނުގެ ތަޅުދަނޑި ހަވާލުނުކުރި ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ހެރިޓޭޖް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސަލްޓަންޕާކުގެ ތެރޭގައި ހުންނަ ބޮޑު ގަނޑުވަރަށް ބަޔަކު ގެއްލުން ދީފައިވާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ފުލުހުންނާ ގުޅިގެން އެކަން ކުރި ފަރާތެއް ހޯދުމުގެ މަސައްކަތްކުރާކަމަށެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ އެ ގަނޑުވަރަށް ގެއްލުން ދިން ފަރާތެއް ހޯދައި ގާނުނުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ ތަނުގައި މި ސަރުކާރުން އިންޓްރެކްޓިވް މިޔުޒިއަމެއް ހަދަން އެ ތަނުގެ ތަޅުދަނޑިއާ ބެލެހެއްޓުން އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް ސިޓީ ކައުންސިލުން އެކަން ކޮށްދީފައި ނުވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންވެ، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެެ.
މިނިސްޓްރީން ބުނީ އެ އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެ ދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކުވައިދޭ ތަނެއް ކަމަށާއި އެ ފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ތަނަށް ލިބުން އެކަށީގެންވާ ކަމަށެވެ.
އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ މިސްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ. ނަމަވެސް ގިނަ ދުވަސްނުވެ އެ ރަސްކަން ނިމުމަކަށް އައީ އެވެ. ފަހުން އެ ގެކޮޅު ބޭނުންކުރީ ރަސްކަލުންގެ އެކިއެކި ބޭނުންތަކަށެވެ. އެންމެ ފަހުން ވެސް އެތަނުގައި ހިންގީ ގައުމީ ދާރުލްއާސާރެވެ.
ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ތަނަކީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ އެވެ.
ކޮމެންޓް