ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ގުރުއާނާ ބެހޭ މަރުކަޒު މާދަމާ ރަސްމީކޮށް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މަރުކަޒު ހުޅުވުމަށްފަހު ގުރުއާން ހިފްޒްކުރުމުގެ ޕްރޮގުރާމުތައް އެ ސިޓީގައި އިތުރު ކުރާނެ ކަމަށާއި އަދި މުދައްރިސުންގެ އަދަދު ވެސް އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ފުވައްމުލަކުގެ އިސްލާމީ މަރުކަޒު ޑިޒައިންކޮށް ނިމި، ކައުންސިލްގެ ބަހެއް ހޯދުމަށް ކޮންސެޕްޓު އެ ސިޓީގެ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒު ނިމުމުން އެތަން ބަދަލު ވާނީ ގުރުއާނާއި ބެހޭ މަރުކަޒަށް ކަމަށާއި، މިހާރު ހުޅުވާ ގުރުއާނާއި ބެހޭ މަރުކަޒު ބަދަލުވާނީ ވަގުފު ބިނާއަކަށް ކަމަށެވެ. މިތަނުން ލިބޭ ފައިސާ ހަރަދު ކުރާނީ ފުވައްމުލަކުގެ ދީނީ އެކި ކަންކަމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފުވައްމުލައް ގުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސް ރޫމާއި، ނަމާދު ކޮޓަރިއަކާއި، ހިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީން ރޫމެއް ހިމެނެ އެވެ.
ކޮމެންޓް