ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުންނާ ބައްދަލު ކުރައްވައިފި އެވެ.
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި އިއްޔެ އޮތް މި ބައްދަލު ކުރެއްވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކޮށް، މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން، ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލު ކުރުމާ ގުޅޭގޮތުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކޮށް، ހިދުމަތް ދޭން މިހާރު ފެށިފައިވާއިރު، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގައި އެގްޒެކެޓިވް ބޯޑުން އަދާ ކުރާ މުހިންމު ދައުރުގެ މައްޗަށް ރައީސް ބައްލަވައިލެއްވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އާއި އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުން ވަނީ ފުލުހުންގެ ސްޓްރެޓީޖިކް މަގުސަދުތައް ހާސިލު ކުރުމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމުގެ އިތުރުން، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ގާއިމު ކުރުމުގައި ސާބިތުކަމާ އެކު ދެމި ތިއްބޭނެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުއިއްޒަށް އަރުވާފަ އެވެ.
ކޮމެންޓް