ޅ. ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނިންމައި މި އަހަރު ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ގާއިމު ކުރަން މި ސަރުކާރުން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ ގޮތުން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް އެ ތަން ނިމޭއިރު ކުރަން ހުރި އިތުރު މަސައްކަތްތަކެއް އެބަހުރި. މިކަމަށް ބޭނުންވާ ފަންޑު ހަމަޖެހި، މި އަހަރުގެ ނިޔަލަށް މި ކޯލްޑް ސްޓޯރޭޖު އޮޕަރޭޝަނަން ގެނެވޭވަރު ކުރަން މަސައްކަތް މި ކުރަނީ. އޭރުން 4،000 ޓަނު އިތުރުވެގެން އެ ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ނިންމައި އޮޕަރޭޝަނަށް ގެނައުމަށް ޓަކައި އެ ތަނުގެ ޕަވާ ކެޕޭސިޓީ އިތުރުވާން ޖެހޭ ކަމަށާއި ސްޓޯރޭޖު ގާއިމުކޮށްފައިވާ ސަރަހައްދުގެ މަގުތައް ވެސް ބޭނުން ކުރެވޭ ގޮތަށް ހަދައި އަދި އެތަނަށް އަލިކަމެއް ލިބެންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފެލިވަރުގެ އިތުރުން ގއ. ކޫއްޑޫގައި ވެސް 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ އެކްޕެންޝަންގެ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިއަށް ގެންދާ 23 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ފެލިވަރުގައި ހަދާ 4،000 ޓަނުގެ މި ކޯލްޑް ސްޓޯރޭޖަކީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖަށް ވާނެ އެވެ.
ކޮމެންޓް