ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވީލް ޗެއާއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިތުރު 30 ވީލް ޗެއާ ހަދިޔާކޮށްފި އެވެ.
ބީއެމްއެލުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން އިތުރު 30 ވީލް ޗެއާ ހަދިޔާކޮށްފައިވާ ކަމަށެވެ.
2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދީފަ އެވެ.
ބޭންކުން މި ފަހަރުވެސް ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފަ އެވެ.
މި ގޮތުން، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ބީއެމްއެލުން ވަނީ ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއް ވެސް ހަދިޔާކޮށްފަ އެވެ.
އެ ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ ވީލް ޗެއާ ތަކެކެވެ.
ކޮމެންޓް