މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައިވާ ގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ގ. މޫންލައިޓްވިޔު މުހައްމަދު އުމައިރު، 58، އާއި ލ. ދަނބިދޫ، ގުލްއަލާގެ މާޝާ އިބްރާހީމް، 38، އެވެ.
ޑުރަގު އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް