ވެނެޒުއޭލާއަށް އައި ބާރު ގަދަ ބިންހެލުންތަކާ ގުޅިގެން އެ ގައުމުގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔާ އެކު ކަމަށް ވިދާޅުވެފައިވެ އެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ވެނެޒުއޭލާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ރައްދު ކުރައްވާފަ އެވެ.
އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިހުލާސްތެރި ހަމްދަރުދީ ފޮނުއްވައި، މި ދަތި އަދި ހިތާމަވެރި ދަނޑިވަޅުގައި އެ ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އަދި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތް ކުރުމާއި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.
ކޮމެންޓް