ވ. އަތޮޅު އަލިމަތާ ކައިރީ ކަނޑު އަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ސާބަސް ދަންނަވައިފި އެވެ.
ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު އަހުމަދު އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރާއި ސީޕީ ދެއްކެވި ވާހަކަފުޅުގައި، ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވައި، އެކަމުގެ އަގު ވަޒަންކޮށް، މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސް ދެއްވި އެވެ.
އަދި އާންމު ރައްޔިތުންނަށް ހިދުމަތް ކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބު އަދާ ކުރުމުގައި ސާބިތުކަމާ އެކު ދެމި ތިބުމަށް ހިތްވަރު ދެއްވި އެވެ.
ކަމިޝަނާގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވި އެވެ.
ކޮމެންޓް