މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ހުރިހާ ހައްޖުވެރީން ވެސް މިނާއަށް ގޮސްފި އެވެ.
ދިވެހި ހައްޖާޖީން މިނާއަށް ދަތުރު ފެށީ ރޭ މައްކާ ގަޑިން 9:30 ގަ އެވެ. ހައްޖުވެރިން އަރަފާތަށް ދަތުރު ފަށާނީ މާދަމާ ރޭގަ އެވެ.
ރާއްޖޭގެ ހައްޖު މިޝަނުން ބުނީ ދިވެހި ހުރިހާ ހައްޖުވެރީން މިހާތު ތިބީ މިނާގެ ފޭލިގެތަކުގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މިއަހަރު ވެސް މިނާގައި ދިވެހި ހައްޖުވެރިން ތިބޭނީ ދިވެހީންނަށް ހާއްސަ ސަރަހައްދެއްގަ އެވެ. އިތުރު އެއްވެސް ގައުމެއްގެ ހާޖީން އެ ސަރަހައްދުގައި ނުތިބޭނެ އެވެ.
މިނާ އަދި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިހާރު ފޭލިގެ ޖަހާ އޭސީ ހަރުކޮށްފައިވާއިރު، މިނާގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ޓެންޓު ހުންނާނެ އެވެ. އަދި ބުފޭ މޭޒު ބަހައްޓައި ދިވެހި ރަހަތަކުގެ ކެއުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ ފާހާނާގެ އަދަދު ވެސް 5 ގުނަ އިތުރުކޮށްފަ އެވެ. އެގޮތުން މިއަހަރު ހަމައެކަނި ދިވެހިންނަށް ހާއްސަކޮށް 60 ފާހާނާ ހުންނާނެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ހިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަނުން ދަނީ ދެމުން ކަމަށެވެ. އަދި މިނާއާ އަރަފާތުގެ އިންތިޒާމުތައް ވެސް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިހުރި ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ ހައްޖު މިޝަނުން ދަނީ ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށާއި ދިވެހި ސަރުކާރުން އަބަދު ވެސް ހާޖީންނަށް ގާތުން ހިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.
މިއަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ނިންމުމަށްފަހުގަ އެވެ.
ކޮމެންޓް