ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހާ ނިޔާވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ނިޔާވެފައިވަނީ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ އެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖުގައި ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ހަބަރެކެވެ.
ނިޔާވި ސިފައިގެ މީހާގެ އާއިލާއަށާއި އެމްއެންޑީއެފަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
"ޑިއުޓީގައި މަގާމުގެ ވާޖިބު އަދާ ކުރަމުން ދަނިކޮށް ކުއްލި ހާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުހޫމް މުހައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވާށި،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.
ޑައިވަރުން ހޯދަން އެމްއެންޑީއެފުން ކުރިއަށް ގެންދަނީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކެވެ.
ކޮމެންޓް