އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާ ދިވެހި ހައްޖާޖީންނަށް ޓާމިނަލް 1 އިން ލިބޭ ހިދުމަތްތައް ކުރިއަށް ބޮޑަށް ފަސޭހަވެފައި ފުރިހަމަ ވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މިއީ މިދިޔަ އަހަރު އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވި ފަހުން ދިވެހި ހައްޖުވެރިން ފުރާ ފުރަތަމަ އަހަރެވެ.
އެމްއޭސީއެލުން ބުނީ މިއަހަރު އެހެން އަހަރުތަކާ ހިލާފަށް ޓާމިނަލް 1 އިން ދިވެހި ހައްޖާޖީންނަށް ލިބޭ ހިދުމަތްތައް ކުރިއަށް ވުރެ ބޮޑަށް ފުރިހަމަވެފައި ފަސޭހަ ވާނެ ކަމަށެވެ.
އެމްއޭސީއެލްގެ ފަރާތުން މި މަސައްކަތް އޯވަސީ ކުރައްވައި ހަސަން ރަޝީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރު އެއާޕޯޓުގެ ސެކިއުރިޓީއާ ޓްރެފިކުގެ ކަންކަން ބަލަހައްޓާ އޮފިސަރުން ރައްޔިތުންނާއި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން އަދި ކުޑަކުދިންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ.
ހަސަން ވިދާޅުވީ މިއަދަކީ ބަންދު ދުވަހަކަށްވީ ނަމަވެސް ހައްޖުވެރިންގެ ހިދުމަތުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.
އެއާޕޯޓަށް ދާ ހުރިހާ ފަރާތްތަކުން ވެސް ކަނޑައަޅާފައި ގައިޑްލައިންތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ.
ހައްޖާޖީންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ މީހުން މިއަދު އެއާޕޯޓަށް އައުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީ ބަހުގަ އެވެ.
ހަސަން ވިދާޅުވީ ބަސް މަޑުކުރުމަށްފަހު ހައްޖާޖީން ފޭބުމުން، އެ ބަސް ޓެކްސީ ލައިނާ ދިމާލު ޕާކިން ޒޯންގައި މަޑުކޮށްގެން އޮންނާނެ ކަމަށާއި މާލެ އަންނަ މީހުންނަށް އެ ބަހުގައި ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި އޮންނަ ޓެކްސީލައިނުން މާލެއާ ހުޅުމާލެއަށް ދިއުމުގެ ފުރުސަތު ލިބޭނެކަން ހަސަން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ޓީ 1 ގެ ގޭޓް 4 ކުރިމަތިން އޮންނަ އިންޓަނޭޝަނަލް ޕިކަޕް ޕޮއިންޓުން ވެސް ޓެކްސީގެ ހިދުމަތް ލިބޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުދިން މި އޮޕަރޭޝަން ރަނގަޅަށް ހިންގުމަށް ޓަކައި ވަރަށް ބޮޑަށް ސަމާލުކަން ދީގެން ތައްޔާރުވެގެން ތިބޭނެ. އެހެންވީމަ އެމީހުން ދައްކާ ޑައިރެކްޝަނާ އެއްގޮތަށް ހުރިހާ ބޭފުޅުންގެ އަމަލުތައް ބެހެއްޓުމަކީ ވަރަށް ބޮޑަށް މަސައްކަތަށް ފަސޭހަވަގެން ދާނެ ކަމެއް،" ހަސަން ވިދާޅުވި އެވެ.
ހައްޖު މޫސުމާ ގުޅިގެން އަބަދުވެސް އެމްއޭސީއެލުން ވީއައިއޭގައި ހާއްސަ ކަމެއްގެ ގޮތުގައި ހައްޖާޖީން ފުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދެ އެވެ.
މިއަހަރު ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 17، 18 އަދި ވަނަ ދުވަހު އެވެ. ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާނީ މިއަދު ހަވީރު 3:25ގަ އެވެ. ސައުދީ އެއާލައިންގައި ފުރާ ފުރަތަމަ ގުރޫޕުގައި ހިމެނެނީ 235 މީހުންނެވެ.
ކޮމެންޓް