ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މައްކާ ހޮޓަލުގައި ކްލިނިކް ގާއިމުކޮށް ނިމިއްޖެ އެވެ.
އެ ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްދާ ފުރަތަމަ ގުރޫޕުގައި ހިމެނޭ 235 މީހުން މިހާރު ވަނީ ފުރާފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އެންމެ އިސްކަންދެނީ ހުރިހާ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. މިގޮތުން ހައްޖުވެރިން ފުރުމުގެ ކުރިންނާއި، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ ދިއުމާއި ހަމައަށްއަށް ވެސް ހުރިހާ ހައްޖުވެރިންގެ ސިއްހީ ރައްކާތެރި ކަމަށް ސަމާލުކަން ދޭނެ އެވެ.
އެކަމަށް ޓަކައި މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ވަނީ ކްލިނިކެއް ގާއިމު ކޮށްފަ އެވެ. މި ކްލިނިކް ގާއިމު ކޮށްފައިވަނީ ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަޑަށެވެ.
އެގޮތުން ސައުދީގެ ކޮންމެވެސް އެއް ހޮސްޕިޓަލަކާ އެފްލިއޭޓްވެގެން މަސައްކަތްކުރުމަށް ލާޒިމު ކޮށްފައިވާއިރު، ހައްޖު ކޯޕަރޭޝަނުން ވަނީ ސައުދީ ނޭޝަނަލް ހޮސްޕިޓަލާ އެކު އެއްބަސްވުމެއް އެކުލަވާލާ އެކުގައި މަސައްކަތް ކުރަން ފަށާފަ އެވެ.
މިގޮތުން ހައްޖުވެރިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ހާލަތުގައި ސައުދީ ނޭޝަނަލް ހޮސްޕިޓަލުގެ އެހީތެރިކަން ލިބޭނެ އެވެ. މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ކްލިނިކްގައި ބަލިމީހުން ބެލުމަށް ހާއްސަ 2 ކޮޓަރި ހުންނާ އެވެ.
އަދި ބޭސް ފިހާރައަކާއި، ބަލިމީހުން ވަގުތީ ގޮތުން އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނެ ކޮޓަރިއަކާއި، ބޭސް އެޅުމާއި ކުދިކުދި ފަރުވާއަށް ހާއްސަ ކޮޓަރިއަކާއި، އައިސޮލޭޝަން ފެސިލިޓީއެއްގެ އިތުރުން ސިއްހީ ތަކެތި ނައްތާލުމަށް ހާއްސަ ވޭސްޓު ރޫމެއްވެސް ވަނީ ގާއިމު ކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގައި 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނެ އެވެ.
މީގެ އިތުރުން ހޮސްޕިޓަލަށް ހައްޖުވެރިޔަކު ގެންދަން ޖެހިދާނެ ހާލަތަކަށް ތައްޔާރުވެ އޮތުމުގެ ގޮތުން 24 ގަޑިއިރު ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި އެމްބިއުލާންސް އޮންނާނެ އެވެ. އަދި ޑޮކްޓަރުންގެ ހިދުމަތް ވެސް ހައްޖުވެރިންނަށް 24 ގަޑިއިރު ލިބޭނެ އެވެ.
ކޮމެންޓް