ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯސްޕޮންސާ ކޮށްފި އެވެ.
ގަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅީ ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޖޯޑަން އިންނެވެ.
މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅިއާ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރު ކުރުމުގެ ހައްގުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާ މުދާ އުފުލާ ނިޒާމުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން ހުށަހަޅާ ފައިވާ ގަރާރެކެވެ.
ރާއްޖެ އިން މި ގަރާރު ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލު ކުރާ އުސޫލުތަކާއި، މިނިވަންކަމާ އެކު އުޅަނދުފަހަރު ދަތުރުފަތުރު ކުރުމުގެ ހައްގު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ރާއްޖެ ފަދަ، އާޗިޕެލަޖިކް ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހުތިސާސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ އެވެ.
މި ނިންމުން ނިންމާފައިވަނީ މި ގަރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތަށް، ނުވަތަ ކަނޑުގެ ސަރަހައްދީ އިހުތިސާސަށް، ނުވަތަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރު ކޮށްފާނެ ފަދަ އެއްވެސް މާނަ ކުރުމަކަށް އަމަލު ކުރަން ރާއްޖެ އިން އިސްތިސްނާވާ ގޮތުގެ މަތިންނެވެ.
ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ބައިނަލްއަގުވާމީ ވިޔަފާރިއާ މުދާ އުފުލާ ނިޒާމު ތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ރާއްޖެ އިން ދަނީ ބާރު އަޅަމުންނެވެ.
ކޮމެންޓް