ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މި އަހަރުގެ ރޯދައަށް ކޮންމެ ގޭބިސީ އަކަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް މާދަމާ ބަހަން ފަށާ ގޮތަށް ނިންމައިފި އެވެ.
ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ 2 އަހަރެކޭ އެއްފަދައިން މިހިނގާ 1447 ވަނަ އަހަރުވެސް ރޯދަ ހަދިޔާ ބެހުން ކުރިއަށް ގެންދެވޭނެ ކަމަށާއި، ކުރީ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ސަރުކާރުން ބަހާނީ 48 ދަޅުގެ މަސްދަޅު ކޭސް، ދިވެހި ކޮންމެ ގޭބިސީ އަކަށް މަސްދަޅު ކޭހެއްގެ މަގުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށް ކަމަށާއި ޓޯކަން ރަޖިސްޓްރޭޝަނަށް އިއްޔެއިން ފެށިގެން ފެބުރުވަރީ 11ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ގޭބިސީގެ ގޮތުގައި ބަލާފައި ވަނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާ އަކަށެވެ. މާލެ ސަރަހައްދުގައި ބަލާފައި ވަނީ ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކި ގޭބިސީއެއް ގޮތުގަ އެވެ.
މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލި އިރު، ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. ގްރޭޓާ މާލެ ސަރަހައްދުގެ ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ. އެހެންކަމުން މުޅި ޖުމުލަ ގޭބިސީގެ އަދަދަކީ 118,673 އެވެ.
ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާނެ ކަމަށާއި، ރަށްރަށާއި ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލުތަކުން ކަމަށާއި، މާލެ ސަރަހައްދުގައި (މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ) ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، އެ ކަމަށް ގާއިމުކުރާ މަރުކަޒުތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިގޮތުން މާލެ ސަރަހައްދުގައި 15 މަރުކަޒެއް ގާއިމު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލު
- ހެންވޭރު ބޯޅަ ދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
ހުޅުމާލެ- ފޭސް 1؛
- އުމަރު ޒާހިރު ބިލްޑިން
- ޕޮލްކޯ ޓަވާ ތިރި
- މުހައްމަދު ގާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2؛
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފުލެޓު
- ވިލިމާލެ؛
- ވެމްކޯ ސައިޓް
ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަނަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ރޯދަ ހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފު ކުރާނެ އެވެ. ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުޅުވައިލީ އިއްޔެ އެވެ. މަރުކަޒު ތަކުން ރޯދަ ހަދިޔާ ދޫކުރަން ފަށާނީ މާދަމާ އެވެ. ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ ފެބުރުވަރީ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް