ދ. ހުޅުދެލީ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހުޅުދެލީގައި ބާއްވައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ސިނާން އަލީ އާއި ހުޅުދެލީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން 4905 އަކަފޫޓުގެ އިމާރާތެއް ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާނެ އެވެ. މީގެ އިތުރުން ވަށާ ފާރަކާއި ޕޯޓިކޯއަކާއި 225 އަކަފޫޓުގެ ބޭސް ފިހާރައެއް ހަދާނެ އެވެ.
މިއީ 10.06 މިލިއަން ރުފިޔާގެ 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
990 މީހުންގެ އާބާދީއެއް އޮންނަ ހުޅުދެލީގައި ބިނާކުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތް ނިމުމާ އެކު ހުޅުދެލީން ލިބޭ ސިއްހީ ފަރުވާ ފުޅާވެ، ހުޅުދެލީ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ސިއްހީ ކަންކަމަށް ފަރުވާ ކުރުމުގެ މަގުފަހި ވެގެންދާނެ އެވެ.
އެހެންކަމުން މިއީ އެރަށު ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
ކޮމެންޓް