މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީފް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ގަންނަ 1 ކިލޯއިން މަތީ މަސް 16ރ. ގެ ރޭޓުން މިއަދުން ފެށިގެން ގަންނަން ފަށައިފި އެވެ.
މިފްކޯއިން ބުނީ މިއަދުން ފެށިގެން މި ބަދަލު ގެނައީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކިލޯއަކަށްވުރެ ބަރު މަސް މިއަދުން ފެށިގެން މިފްކޯއިން ގަންނާނީ މަދުވެގެން 16ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމާ ގުޅިގެން ކަމަށެވެ.
މި ބަދަލު ގެނައުމުގެ ކުރިން މި ކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ ދެމެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. މީގެ ކުރިން މަސްވެރިންނަށް 16ރ. ލިބެނީ ދޮޅުކިލޯއިން މަތީ މަހަށް ކަމުގައިވީނަމަވެސް މިފްކޯއިން މަސް ގަންނަ އުސޫލަށް މި ގެނައި ބަދަލާ ގުޅިގެން 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށް މި ރޭޓުން މަސްވެރިންނަށް ލިބޭނެ އެވެ.
މަސް ގަންނަ އުސޫލަށް މި ގެނައި ބަދަލާ އެކު، އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން މިފްކޯއަށް ގަންނާނީ 16ރ. އަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14ރ. ދިނުމަށް ހަމަޖައްސާފައިވާއިރު 15 ކިލޯއިން މަތީ ކަންނެލި ކިލޯއަކަށް 18ރ. މަސްވެރިނަށް ދިނުމަށް ނިންމާފައިވެ އެވެ.
އެހެންކަމުން މިއަދުން ފެށިގެން މިފްކޯއަށް މަސްވެރިން ކިރާ މަހަށް މި ރޭޓުން ފައިސާ ލިބޭނެ އެވެ.
ކޮމެންޓް