މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިކަން އިއުލާން ކުރެއްވީ ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި މަސްވެރިކަމަކީ ދިވެހީންގެ ޝަހުސިއްޔަތާއި ގައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާއަތެއްކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ، ދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްގީކުރުމަށް ޓަކައި، ހަ ދާއިރާއަކުން ކަނޑައަޅުއްވާފައިވާ ހަ ސިޔާސަތެއްގެ މައްޗަށް ބިނާ ކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މާދަމާއިން ފެށިގެން، މިފްކޯ އިން މަސް ގަންނާނީ، ދޮޅު ކިލޯ މަހުގެ ބަދަލުގައި، އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ހަމަ މާދަމާއިން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޯލްޑް ސްޓޯރޭޖް އިތުރު ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރުއެސްޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރާ ޕްރޮސެސިން ކާރުހާނާތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް އެ މަނިކުފާނު ހާމަ ކުރެއްވި އެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ގާއިމުކޮށް ނިންމޭނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް