ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރ. ދުވާފަރަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި، މިރޭ މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަ ކުރެއްވި އެވެ.
އެ ގޮތުން ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޭޓީއެމްގެ ހިދުމަތާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ގާއިމު ކުރި ފުރަތަމަ ފިއުލް ސްކިޑްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އެވެ.
މީގެ އިތުރުން ރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސްގެ ދެކަނބަލުން ވަނީ މިއަދު ދުވާފަރުގައި ދިވެހި ރުއް އިންދަވައިދެއްވާފަ އެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ މަސްކެނޑުމުގެ މުބާރާތް ބައްލަވާލައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދު މެންދުރު، މަސްވެރިންނާ ބައްދަލު ކުރައްވައި، އެ ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލު ހޯއްދެވި އެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލުތަކެއް ގެނެސް ދެއްވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް އެ މަނިކުފާނު ދެއްވާފައިވެ އެވެ.
މަސްވެރިންގެ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރުމަށް ދުވާފަރުގައި މިއަދު ބޭއްވި ހަރަކާތްތަކަށްފަހު މިރޭ އެ ރަށުގައި ކުރިއަށްދިޔަ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި، ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ.
ކޮމެންޓް