ޑިޒައިން ބިލްޑް އުސޫލުން، ރ. ދުވާފަރުގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އާއި އެމްޑަބްލިޔުއެސްސީއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.
މި މަޝްރޫއުގެ ދަށުން ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމު ކުރެވިފައި ނުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި، ގޭގޭ ގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ގޭގެއަށް ފެނާއި ނަރުދަމާ ގެ ކަނެކްޝަން ގުޅައިދެވޭނެ އެވެ.
މީގެ އިތުރުން، ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލް އެއް އެޅުމާއި އަދި މިހާރު ދުވާފަރުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ޓަކައި އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރާ ދެ ތަންގީ ބަހައްޓާނެ އެވެ.
ދުވާފަރުގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މަޝްރޫއުގެ ޖުމްލަ އަގަކީ 70.8 މިލިއަން ދިވެހި ރުފިޔާ އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ދުވާފަރުގައި އަލަށް ހިއްކާ ސަރަހައްދުގައި ރައްކާތެރި ސާފު ބޯފެނާއި، ނަރުދަމާގެ ހިދުމަތް ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ.
ކޮމެންޓް