ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕަސިންޖަރު ޓާމިނަލް ނުވަތަ ޓާމިނަލް 1އިން ޖަރުމަނުގެ ލެއިޝާ އެއާލައިން، ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1އިން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.
އެ ރަސްމިއްޔާތުގައި ޑިސްކަވާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އެމްއޭސީއެލްގެ އިސް ވެރިން އަދި އޮފިޝަލުން ބައިވެރިވެލެއްވި އެވެ.
ޓާމިނަލް 1އިން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާލައިނުން ފުރި 114 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް އެކަކަށް ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ ފުލައިޓު 4Y154 އިން ރާއްޖެ އައި 301 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
ޑިސްކަވާ އެއާލައިންސަކީ ޖަރުމަނުގެ އެންމެ ބޮޑު އަދި ޔޫރަޕުގެ ލީޑިން އެއާލައިނެއް ކަމަށްވާ ލުފްތަންސާ ގްރޫޕުގެ އެއާލައިނެކެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 24 އޭޕްރީން 2022 ގަ އެވެ.
މިއީ ޓާމިނަލް 1އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ދެވަނަ އެއާލައިނެވެ.
ޑިސްކަވާ އެއާލައިންސާ އެކު ޓާމިނަލް 1އިން މިހާރު ދަނީ 31 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ކޮމެންޓް