ރ. ރަސްމާދޫގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމު ކުރުމުގެ މަޝްރޫއެއް ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރަސްމާދޫގައި، 300 ކިލޯވޮޓްޕީގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ކެޕޭސިޓީއާއި، 537 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އެކުލެވޭ ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަޝްރޫއުގެ ސަބަބުން ރަސްމާދޫގައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަވެ، ތިމާވެއްޓަށް ފައިދާ ކުރާނެ ގިނަގުނަ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ނިޒާމް ބޭނުން ކުރަން ފެށުމުން، އަހަރަކު 140,927 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށާއި މީގެ އިތުރުން، ކޮންމެ އަހަރަކު 345 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ބޭރުކުރާ މިންވަރު ކުޑަކުރެވި، ރަސްމާދޫގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫއަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ގައުމުގެ ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުން މިހާރު ވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހަކަތައިގެ މަޝްރޫއުތައް ހިންގަމުންނެވެ. އަދި މިއީ ރަސްމާދޫގެ އިގުތިސަދަށާއި ތިމާވެއްޓަށް ދުރު މުސްތަގުބަލުގައި ގިނަ ފައިދާތަކެއް ގެނެސްދޭނެ މަޝްރޫއެއްވެސް މެ އެވެ.
ކޮމެންޓް