ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ކޮންޓެއިނަރު ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލާގައި 10 މީހުންނަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ދައުވާކޮށްފި އެވެ.
ސިނގިރޭޓް ވައްކަމުގެ މައްސަލައިގައި 11 މީހުންނަށް ދައުވާކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް ޕީޖީން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.
ދެ ވިޔަފާރިން ކަމުގައިވާ މުހައްމަދު ވަހީދު (ދިގަލި) އާއި އަހުމަދު އާރިފު (އާއްޓޭ) އަދި ކުރީގެ ކަސްޓަމްސް އޮފިސަރު މުއާޒު އަލީގެ މައްޗަށް އުފުލީ ދެ ދައުވާއެކެވެ. އެއީ؛
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ކަސްޓަމްސްގެ އޮފިސަރު ޒިވާރު އިސްމާއީލް އާއި، އެމްޕީއެލްގެ ދެ މުވައްޒަފުން ކަމުގައިވާ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ؛
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
މީގެ އިތުރުން އެމްޕީއެލްގެ ދެ މުވައްޒަފުން ކަމުގައިވާ ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު އާއި، ސިނގިރޭޓް ކޮންޓޭނަރު އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ.
ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހުމާން އާއި ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު އަލަމިން މިއާގެ މައްޗަށް ވެސް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލާގައި ދަފުތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީން ބުނެ އެވެ.
މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ މީހުން، މި ކުށުގެ އަމަލު އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައި ވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށް ޕީޖީން ބުންޏެވެ. އަދި މި ދައުވާތައް ސާބިތުވާ ހާލަތުގައި، ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި، ހައްސާސްކަމަށް ރިއާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ކޮމެންޓް