ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހީމް ނަޒީމް ވަކިކޮށް، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފިއެވެ.
ސަރުކާރުން އުވާލަން ނިންމާފައިވާ އާރުޑީސީގެ އެމްޑީގެ މަގާމުން ވަކިކޮށް، ސްޓޭޓް މިނިސްޓަރަށް އައްޔަނުކޮށްފައި ވަނީ މިއަދުއެވެ.
ނަޒީމަކީ މީގެ ކުރިންވެސް ގިނަ ދުވަސްތަކެއް ވަންދެން ސްޕޯޓްސް މިނިސްޓްރީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދުގެ ސަރުކާރުން އާރުޑީސީގެ އެމްޑީގެ މަގާމަށް ނަޒީމް އައްޔަންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 7 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވައިފައެވެ.
ކޮމެންޓް