ޅ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނައިފަރާއި އޮޅުވެލިފުށީގަ އެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން، ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ،އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ސޯސަންވިލާ ހަސަން ހުޝާމު، 35، އާއި ނައިފަރު ކަދުވަލުގެ އާދަމް ނަސީރު، 32، އެވެ.
އޮޅުވެލިފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިންގި އޮޕަރޭޝަނެކެވެ.
މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި، އޮޅުވެލިފުށި ޝެހެނާޒްގެ މުހައްމަދު އަފްރާހު، 28، އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނިފައިވެ އެވެ.
މި ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަސަން ހުޝާމު އަދި އާދަމް ނަސީރު ބަންދުގައި ބެހެއްޓުމަށް ހަތްދުވަހުގެ މުއްދަތެއް ދީފައިވާއިރު، މުހައްމަދު އަފްރާހު އަށްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް