ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ހާއްސަ ވެބްސައިޓެއް ރައީސް އޮފީހުން އިއްޔެ އިފުތިތާހުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މި ޑިރެކުޓަރީއަކީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށް ޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިފުތިތާހުކުރެވުނު ޑިރެކުޓަރީއެއް ކަމަށެވެ.
މި ޑިރެކުޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށް ޓަކައި، ޑިރެކުޓަރީގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން، އެ މުއައްސަސާގެ އިސް ވެރިޔާގެ ގޮތުގައި އެ މުއައްސަސާއަކުން ކަނޑައަޅާ ފަރާތުގެ ނަމާއި މުއައްސަސާގެ އެޑްރެހާއި މުއައްސަސާއަކާއި މުވާސަލާތުކުރެވޭނެ ގޮތް ނުވަތަ މުއައްސަސާގެ މީސްވިއުގަ ލިންކުތަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ މުއައްސަސާއަކުން ޑިރެކުޓަރީގެ ވެބްސައިޓުގައި، މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމު ނުވަތަ އީމޭލު މެދުވެރިކޮށް ރައީސް އޮފީހަށް އެ ކަމެއް ހުށަހަޅަންވާނެ އެވެ.
މީގެއިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާތަކާއި، މައުލޫމާތު އެއްކޮށް، ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް، ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔާނީ، މި ޑިރެކުޓަރީގައިވާ ގޮތަށް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފަ އެވެ.
ކޮމެންޓް