ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން، ގައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިގުތިސާދު ސިންދަފާތު ކުރުމަށް ޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅު އެވެ.
ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށް ޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ އުޒުމެއް ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖް ނިންމަވާލައްވާފައިވަނީ ދަނޑުވެރިންގެ ދުވަހު އުފާވެރި މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި އާއިލާތައް އަދި މިސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮ އެދުން، އިހުލާސްތެރިކަމާއެކު ދަންނަވަމުންނެވެ.
ކޮމެންޓް