ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ލޭންޑިން ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރުންނަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" އަރުވައިފި އެވެ.
މިއަދު ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.
ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ހާސިލުކުރެއްވި އޮފިސަރުންނަކީ ސީނިއާ ސާޖަންޓް އަހުމަދު އާމިރު (ސާވިސް ނަންބަރު: 2245) އާއި ކޮންސްޓަބަލް މުހައްމަދު ލަހްފާން (ސާވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް އަލީ ޒިދާން (ސާވިސް ނަންބަރު: 5852) އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 8:50 އެހައިކަންހާއިރު އެވެ.
ލޭންޑިން ކްރާފްޓް "ހޯކްސް ވޮޔޭޖް" ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ވަނީ ކަނޑުވެފަ އެވެ. ގަދަ ކަނޑުގައި އެ މީހުން ސަލާމަތްކުރުމަށް މި އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން، ކަނޑުވި މީހުންގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތްކުރެވިފަ އެވެ.
ކޮމެންޓް