ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކި ރަށްރަށުގައި މިހާރު ފަށާފައިވާ މަސައްކަތްތަކާއި ނިމިފައިވާ ބައެއް މަސައްކަތްތަކުގެ އަދާހަމަ ދީފި އެވެ.
އެގޮތުން އެތަނުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން ނ. ކެނދިކުޅުދޫގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ގާއިމުކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމައިލައިފައިވާއިރު ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަންގެ މަސައްކަތުގެ ތެރެއިން ޓައި ބީމް ކާސްޓިންގެ މަސައްކަތް ކޮށްފައިވެ އެވެ.
އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ސްޕޯޓްސް މިނިސްޓްރީން ފޯރުކޮށްދިން ތަކެތި ބޭނުންކޮށްގެން މާފަންނު ދަނޑުގައި ތަރައްގީކުރި ފުޓްސަލް ދަނޑު ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ނ. ވެލިދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު އެ ޕްރޮގްރާމްގެ ދަށުން ޅ. ނައިފަރުގައި ހިންގަމުން ގެންދާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އާރުޑީސީން ތ. ވޭމަންޑޫއާއި ގުރައިދޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ މުހައްމަދު ނަބީހު އަފީފް އަދި އިސްވެރިން ވަނީ އެ ރަށްރަށަށް ވަޑައިގެން ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާ މިމަހުގެ 18 ވަނަ ދުވަހު ބައްދަލުކުރައްވާފަ އެވެ.
ކޮމެންޓް