މިސްރުން ދިވެހި ދަރިވަރުންނަށް ދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް، އެ ގައުމުގެ ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މިކަމަށް ޝުކުރުއަދާ ކުރެއްވީ މިސްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން-ރެޒިޑެންޓް ސަފީރު، އާދިލް އިބްރާހީމް، އެ މަނިކުފާނުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި ވަދާއީ ޒިޔާރަތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެ އެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ އަގުވަޒަން ކުރައްވައި، ހާއްސަކޮށް މިސްރު ސަރުކާރުން ދިވެހި ދަރިވަރުންނަށް ދޭ މަތީ ތައުލީމުގެ ސްކޮލާޝިޕްގެ ފުރުސަތުތަކަށާއި، މިސްރުގެ ސިއްހީ ދާއިރާގެ ބޭފުޅުން ރާއްޖޭގައި ކުރައްވާ ހިދުމަތްތަކަށް ޓަކައި، ރައީސް ވަނީ، އެ ގައުމުގެ ސަރުކާރަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
އަދި މިސްރާ ގުޅިގެން މަސައްކަތްކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވައި އެ މަނިކުފާނު ވަނީ، ސަގާފީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ތައުލީމީ ދާއިރާ އާއި، ސަލާމަތީ އަދި ދިފާއީ ދާއިރާއިން ދެ ގައުމުން އެކުގައި މަސައްކަތްކުރުން މަތީ ދެމި ތިބޭނޭކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ ރާއްޖެ އާއި މިސްރާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ކޮމެންޓް