ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް 2026 ގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީން ހޯދައިފިއެވެ.
އއ. ތޮއްޑޫގައި ކުރިއަށް ގެންދާ އެ މުބާރާތުގެ ޗެމްޕިއަންކަން ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީން ހޯދީ މިއަދު ހެނދުނު ތޮއްޑޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ރިދަން ސްޕޯޓްސް އެކަޑެމީ ބަލިކޮށްގެންނެވެ.
އެ މެޗު ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީން ކާމިޔާބުކުރީ 5-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
އެ މެޗުގެ 4 ވަނަ މިނެޓުގައި ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީން ވަނީ ގޯލު ޖަހައި ލީޑު ނަގައިގެންނެވެ. އެގޮތުން އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު އިޔާސް އިލްޔާސްއެވެ.
މެޗުގެ ދެވަނަ ގޯލު ޖެހީ މެޗުގެ 7 ވަނަ މިނެޓުގައެވެ. އެ ގޯލު ޖަހައިދިނީ މުހައްމަދު އިޔާސްއެވެ.
މެޗުގެ 14 ވަނަ މިނެޓުގައި އިތުރު ގޯލެއްޖަހައި ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީއަށް އަހުމަދު އިޔާސް ވަނީ ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ދެ މިނެޓު ފަހުން މެޗުގެ 16 ވަނަ މިނެޓުގައި ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީން ވަނީ މެޗުގެ 4 ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލު ޖަހައިދިނީ ޔޫސުފް މައީޝް މުހައްމަދު ރަޝީދުއެވެ.
މެޗުގެ ފަސް ވަނަ ގޯލު ވެސް ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީން ޖެހީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެ ގޯލު މެޗުގެ 36 ވަނަ މިނެޓުގައި ޖަހައިދިނީ އިސްމާއިލް ނައުފް ހާމިދުއެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އަހުމަދު އިޔާސް އިލްޔާސްއެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީގެ ކޯޗު އަހުމަދު ޝަރީފްއެވެ.
ދެ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރާއްޖޭގެ މަޝްހޫރު އެކަޑެމީތަކުން ވެސް ބައިވެރިވެއެވެ. އެގޮތުން މާލެއިން ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ އެކަޑެމީއާއި ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީ ހިމެނެއެވެ. އއ. އުކުޅަހުން އެ މުބާރާތުގައި އުކުޅަސް ސްޕޯޓްސް އެކަޑެމީ ބައިވެރިވާއިރު އެ އަތޮޅު ރަސްދޫއިން އެ މުބާރާތުގައި ބައިވެރިވަނީ ރަސްދޫ ފުޓްބޯލް އެކަޑެމީއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ސަޑޭ ސްޕޯޓްސް އެކަޑެމީން ވެސް އެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. ޅ. ނައިފަރުގެ މަޝްހޫރު އެޕެކްސް ސްޕޯޓްސް އެކަޑެމީން ބައިވެރިވާއިރު ކ. މާފުށީގެ ނިއު ސްޓާ އެކަޑެމީން ވެސް ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.
ލަންކާއިން އެ މުބާރާތުގައި ވާދަކުރާނީ ޖެޓްލައިނާސް އެކަޑެމީއެވެ. އަދި ތޮއްޑޫއިން އެ މުބާރާތުގައި ކުޅެނީ ރިދަން ސްޕޯޓްސް އެކަޑެމީއެވެ.
މިމަހުގެ 18 ވަނަ ދުވަހު ފެށި އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއް މިހާރު ވަނީ ނިމިފައެވެ.
މިއަހަރުގެ މުބާރާތް ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ހަތަރު އުމުރުފުރާއަށް ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ.
އެ މުބާރާތުގެ ދެވަނަ ބައި ފަށަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ވާދަކުރާނީ 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 12 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތަކެވެ.
ކޮމެންޓް