ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް ޓަކައި، ހެރިޓޭޖް މިނިސްޓްރީ އާއި ޗައިނާގެ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވެވި ހާއްސަ ބައްދަލުވުމެއްގަ އެވެ.
ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގް އެވެ.
މި އެއްބަސްވުމުގެ ށުން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ހާއްސަ އެގްޒިބިޝަނެއް ޗައިނާގެ ސިޓީތަކުގެ މިއުޒިއަމްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަމައެއާ އެކު "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިން" އަދި "ނެވިގޭޝަން ޓެކްނޮލޮޖީ: ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިން ޗައިނާ އެންޑް ދަ މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ދާރުލްއާސާރުގައި ވެސް ހާއްސަ މައުރަޒެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މި މައުރަޒުތަކުގެ މައިގަނޑު މަގުސަދަކީ ކަނޑުދަތުރުފަތުރާއި 'މެރިޓައިމް ސިލްކް ރޫޓު'ގެ ތާރީހީ ގުޅުން ބައިނަލްއަގުވާމީ ފެންވަރުގައި ހާމަކޮށްދިނުމާއި، ދިވެހި ފަންނުވެރިންނަށް ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ދިރާސާތައް ދެ ގައުމު ގުޅިގެން ކުރިއަށްގެންދިއުމަށް ވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް