ސައުދީ އަރަބިއްޔާއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސައުދީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުތަކެއްގަ އެވެ.
ރަސްގެފާނަށާއި ވަލީއަހުދު އަދި ބޮޑުވަޒީރަށް ރައީސް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމަކީ، އިސްލާމީ އުސޫލުތަކާއި، މުޅި އިސްލާމީ އުންމަތުގެ ލާބައާއި އެއްބައިވަންތަކަމަށް، ދެގައުމުން ވެސް ދޭ އަހައްމިއްޔަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ބަޔާންކުރައްވަމުން، މި ގުޅުން އިތުރަށް ބަދަހިވަމުން ދަނީ ދެއުމުގެ މެދުގައި އޮތް ފުރިހަމަ އިހުތިރާމާއި، އެއްބާރުލުމާއި، ގާތް ގުޅުމުގެ ޒަރީއާއިން ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އެގުޅުމުގެ ޒަރީއާއިން ދެމެހެއްޓެނިވި މަންފާތަކެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތައް ލިބޭނެފަދަ މަޝްރޫއުތަކަށް ވުނަކުރުމުގެ ތެރެއިން، ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ބައިނަލްއަގުވާމީ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ދާއިމީ މަންފާކުރާނެ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް