އަލަށް އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ވެގެންދާނީ ފެންވަރު ރަނގަޅު ފަރުވާ ލިބޭ ތަނަކަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއް ޖެ އެވެ.
ހިންމަފުށީގައި އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ރަނގަޅު ފެންވަރުގެ ފަރުވާ ފޯރުކޮށްދިނުމަށް މި އިމާރާތުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.
ޑުރަގުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ފާއިތުވި ސަރުކާރުތަކުންވެސް ކޮށްފައިވާކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ ޑުރަގުގެ މައްސަލަ ފެތުރިފަވާ މިންވަރާ އަޅާބަލާއިރު ކުރެވިފައިވާ މަސައްކަތްތައް ވަރަށް ކުޑަ ކަމަށެވެ.
"ޓެކްނިކަލް ފަރުވާ ދެމުން އަދި ފަރުވާ ނިމިގެންދާއިރު މި ފެސިލިޓީއަށް އަލުން އަނބުރާ ނާންނާނެ ކަމަށް އަޅުގަނޑުމެންނަށްވެސް ޔަގީންކުރެވޭ ވަރަށް ފަރުވާ ދެވިފަ މިތަނުން ނެރޭ ބަޔަކަށް ހެދުމަށްޓަކައި އެ ވަރުގެ ފެސިލިޓީއެއް މިތާ މި ގާއިމްކުރަނީ. މަސްތުވާތަކެތި ހުއްޓުވުމަށް ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާ. މި ވިއުގަ އެކުލަވާލީ ރައީސްގެ ސީދާ އިންސްޓްރަކްޝަނާއެކު. ވަރަށް އަގު ހުރި ވަރަށް ގައުމީ މަސައްކަތްތަކެއް ބަޔަކު ކުރައްވައިގެން މި ހިސާބަށް މިކަން އައީ،" އިހުސާން ވިދާޅުވި އެވެ.
އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ހިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ހިދުމަތް ލިބެން ހުންނާނެ އެވެ.
ހިންމަފުށީގައި މިހާރު އިމާރާތަކީ 174 މީހުންނށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.
500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްގީކުރާ މި އިމާރާތުގެ މަޝްރޫއަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ހަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.
ކޮމެންޓް