މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން މިކަމަށް ގޮވާލާފައި މިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ކުރިއަށްދިޔަ އދ ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ 44 ވަނަ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވާފައިވަނީ ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ގަތަރު، ބަހުރެއިން، ކުވެއިތު، އޮމާން، އުރުދުން ގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް، އީރާނުން ދެމުންދާ ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
މީގެ އިތުރުން އެމަނާ ވަނީ ގަލްފު ސަރަހައްދުގައި އަސްކަރީ ނުތަނަވަސްކަން އިތުރުވަމުންދާތީ އެކަމާ މެދު ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަން ހާމަ ކުރައްވާފަ އެވެ.
އެ ސަރަހައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ، އިގުތިސާދީ ނޭދެވޭ އަސަރުތަކާ މެދުގައްޔާއި އަދި އީރާނަށް ދެމުންގެންދާ ގައިރު ގާނޫނީ ހަމަލާތަކާ މެދު ރާއްޖޭން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް ސަލްމާ ވިދާޅުވި އެވެ.
"އެ ސަރަހައްދުގެ ސުލްހައާ ހަމަޖެހުމާ، އަދި ރައްކާތެރިކަން އަލުން ގާއިމު ކުރުމަށް ޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ ސިޔާސީ އަދި ހާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ގޮވާލަން،" އެކަމަނާ ވިދާޅުވި އެވެ.
ކޮމެންޓް