1447 ވަނަ އަހަރުގެ ހައްޖުގައި ދިވެހި ހައްޖާޖީން ތިބުމަށް ހަމަޖެހިފައިވާ މިނާ ޓެންޓުތަކުގައި 60 ފާހާނާ ތައްޔާރުކޮށްފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން އެކްސްގައި މިއަދު ހިއްސާ ކުރި ވީޑިއޯއެއްގައި އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ހައްޖުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝަރީފު ވިދާޅުވީ އާންމުކޮށް އެހެން ޓެންޓުތަކަށް ބަލާއިރު 1000 ހާޖީންނަށް ލިބެނީ 6 ފާހާނާ ކަމަށާއި އޭގެ ބަދަލުގައި ދިވެހިންނަށް ހާއްސަކޮށްފައިވާ ފާހާނާތަކަށް ބޭރު ބަޔަކު ނުވަންނާނެ ކަމަށެވެ.
"މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ހައްޖުގެ އިންތިޒާމުތައް މުޅިން ތަފާތު ގޮތަކަށް ފެނިގެން ދާނެ. އޭގެ ތެރޭގައި ޓެންޓުތައް މިހާރު ދަނީ ތައްޔާރުވަމުން. ޓެންޓުތައް ތައްޔާރުކުރާއިރު ކެއުމުގެ އިންތިޒާމުތަކަށް ހާއްސަކޮށްގެން ބަދިގެއެއް ވެސް މިދަނީ ތައްޔާރު ކުރަމުން. ހަމަ އެއާއެކު މިދިޔަ އަހަރަށްވުރެ މި އަހަރު ފާހާނާ ބަރި އިތުރުވާނެ. މިތަނަށް ބޭރުން އެއްވެސް މީހަކު ނުވަންނާނެ. އަނެއްކާ ފާހާނާތައް ވެސް އެ ހުރީ ހަމަ ދިވެހި ހައްޖުވެރިންނަށް ހާއްސަ ކުރެވިފައި. މި ތަނުގައި 60 ފާހާނާ މިހާރު މިވަނީ ތައްޔާރުކުރެވިފައި. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ފާހާނާތައް ހުންނާނެ. އެހެނިހެން ޓެންޓުތުގައި އެ ހުންނަ ފާހާނާގެ އަދަދަށް ވުރެ ދިވެހިން ތިބޭ ފާހާނާތަކުގެ އަދަދު މި ދަނީ އިތުރުވަމުން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ މިނާގައި ތިބޭއިރު އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ ފާހާނާ ކުރުމުގެ ކަންކަމުގައި ކަމަށާއި އެހެންކަމުން ފާހާނާ އިތުރުކުރީ މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ.
"ޓެންޓުތަކުގައި ހުންނާނީ ޖިޕްސަން ބޯޑު ޖަހައިގެން ވަރަށް ރީތިކޮށް ތައްޔާރުކޮށް އަދި ހޫނު މޫސުމާ ދިމާވާތީ، ޓެންޓުތަކުގެ އެތެރޭގައި ހާއްސަ އޭސީތަކެއް ވެސް ހަރުކޮށްފައިވާނެ. އެއާއެކު "ބުފޭ" ގެ އިންތިޒާމާއި ހައްޖާޖީން ބޭރަށް ނުކުމެ މަޑުކޮށްލައިގެން ތިބޭނެ ބެންޗު ނުވަތަ ގޮނޑިތަކެއްވެސް ބެހެއްޓުމުގެ އިންތިޒާމު ވެސް ހަމަޖެހިފައި ހުންނާނެ،" ޝަރީފު ވިދާޅުވި އެވެ.
ޑީއެމްޑީ ޝަރީފު އިތުރަށް ވިދާޅުވި ގޮތުގައި އެ ޓެންޓުތަކުގައި ފިނި ބުއިންތައް 24 ގަޑިއިރު ލިބެން ހުންނާނެ އެވެ. އަދި މިދިޔަ އަހަރަށް ވުރެ މިއަހަރު ވުލޫ ކުރާ ތަންތަން ވެސް ގިނަ ވާނެ އެވެ.
ކޮމެންޓް