މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމެޓީން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އެޕްރީލް 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށްގެންނެވެ.
ގައުމީ އިނާމަށް މިއަހަރު ވެސް ހުޅުވައިލީ، މައިގަނޑު 39 ދާއިރާއަކުންނެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުންނާއި ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް މި އިނާމަށް ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.
ގައުމީ އިނާމު ދިނުމުގައި ވަކި ފަރުދުންގެ ހިދުމަތުގެ މުއްދަތު ގުނުމަށް ހަމަޖެހިފައި ވަނީ، އެ މީހެއްގެ އުމުރުން 18 އަހަރު ފުރުމަށްފަހުގައި ކުރާ ހިދުމަތަށެވެ. މި އިނާމުގައި ހިމެނެނީ ދެ ގިންތި އެކެވެ. އެއީ، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.
ގައުމީ އިނާމު ދޭނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
ކޮމެންޓް