ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް މިއަދު ގެނެސްފި އެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ބަދަލު ތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
މި ބަދަލުތަކުގެ ތެރޭގައި ޓާމިނަލް 2 ގެ ކުރިމަތީގައިވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްކަމުގައި ވަނީ ކަނޑައަޅާފަ އެވެ.
މި އިންތިޒާމުގެ ދަށުން ޓާމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެވެ.
މި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑު ކުރެވޭނެ ސްލޮޓްތައް ފާހަގަ ކުރެވިފައި ހުންނާނެ އެވެ. އަދި ޓަރމިނަލް 2 ގެ ޑިޕާޗާ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށް ޓަކައި ހާއްސަ ކުރެވިފައިވާ ސަރަހައްދެވެ. މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑު ކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ވާނެ އެވެ.
އެމްއޭސީއެލުން ބުނީ މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖް ކުރުމަށް ޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް