އާންމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލު ކުރުމަށް މި ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ކާރުތައް ރާއްޖެ ގެންނަން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ ޓެކްސީ ލައިނަށް ބޭނުންވާ އިލެކްޓްރިކް ކާރު ތަކުގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ އުޅަނދުތައް، ހުޅުމާލޭ ޕޯޓުން ނެރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ރާއްޖެއަށް މިއަދު ގެނެސްފައިވަނީ ޖުމުލަ 60 ކާރެވެ. ދެ ވަނަ ޝިޕްމެންޓުގައި ހިމެނޭ 90 ކާރު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން ބުނީ ހުރިހާ ޓެކްސީތައް ރާއްޖެ އައުމާ އެކު ޖުމުލަ 150 ކާރާ އެކު ފުލް ސްކޭލްގައި ހިދުމަތް ފަށާނެ ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެއާ ހުޅުމާލެ އަދި ހުޅުލޭގަ އެވެ. ދެވަނަ ފިޔަވަހީގައި ވިލިމާލެއާ ތިލަފުށީގައި ހިދުމަތް ފަށާއިރު، ތިން ވަނަ ފިޔަވަހީގައި ރަސްމާލެއާ ގިރާވަރު އަދި އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް މި ހިދުމަތް ފަށާނީ 2029 ވަނަ އަހަރު އެވެ.
ކޮމެންޓް