ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރަމުން އަންނަ ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރި މަސައްކަތްތައް ނިންމާލައިފި އެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓު ކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން ކުލާސްރޫމް ތަކަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ބޯޑްތައް ޓެސްޓްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކަރަންޓް ވަޔަރިންގެ ސަލާމަތްތެރިކަން ޔަގީން ކުރަން ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ވެސް ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު އެވެ. އަލަށް އިމާރާތްކުރާ އެ ސްކޫލަކީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
ޝަހީދު އަލިރަސްގެފާނުގެ ނަމަށް ނިސްބަތްކޮށް އެ ސްކޫލަށް "ޝަހީދު އަލީ ސްކޫލް" ގެ ނަން ދިނުމަށް ނިންމެވީ ރައީސް ޑރ. މުއިއްޒު އެވެ.
ކޮމެންޓް