ދިވެހި ވަތަނީ ހިދުމަތުގެ ބައިވެރިންނަކީ ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބިޖެހިފައިވާ، ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ އާލާކުރުމަށް ޝައުގުވެރިވާ، އަހުލާގާއި ސުލޫކު ރަނގަޅު، ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން ޅ. މާފިލާފުށްޓަށް މިއަދު ފުރުމާއި ގުޅުވައި އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ. މި މެސެޖުގައި، ރައީސް ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
ރައީސް މެސެޖުގައި، މިގައުމުގެ މުސްތަގުބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަގުސަދުގައި ސަރުކާރުން ފެށި ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަގުވާމީ ތައުލީމީ (އިންޓަނޭޝަނަލް ޑޭ އޮފް އެޑިއުކޭޝަން) ދުވަހުގައި ފެށިގެން ދިއުމަކީ ހާއްސަ އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.
މި ބުރުގައި ބައިވެރިވާ 350 ޒުވާނުން ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިން، ފުރިހަމަ ކުރާނެ އެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑާޝިޕާއި، ފަސްޓްއެއިޑާއި، ފަޔާފައިޓިން އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުގުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ހަރަކާތްތަކެއް އެކުލެވޭ ގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި، ތަމްރީނުގެ މުއްދަތުގައި، އެ ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ އާލާ ކުރުމަށް ޝައުގުވެރިވާ، އަހުލާގާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމުގައި ވިދާޅުވި އެވެ.
އަދި އެ ޒުވާނުންނަކީ، ރޫހާނީ، ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ވެގެންދާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް