މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ދިވެހި ހައްޖުވެރިން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ އެކަމަށް މިހާރު ވަނީ އުސޫލެއް ހެދިފައިވާ ކަމާއި އެހެންކަމުން އެ އުސޫލުގެ ދަށުން މި އަހަރުން ފަށައިގެން މައްކާއިން މަދީއަށް ހައްޖާޖީން ދަތުރު ކުރާނީ ހައި ސްޕީޑް ރޭލުގައި ކަމަށެވެ.
"ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހައްޖުގެ ދެން ހުރިހާ އިންތިޒާމުތަކެއް އެހާ ފުރިހަމަކޮށްފަ ކީއްވެހޭ ހައްޖުވެރިން ބަހުގަ ގެންދަންވީ، ހައި ސްޕީޑް ޓްރޭން އަށް ބަދަލުކޮށްދޭށޭ މިއަހަރުން ފަށައިގެން، އެއީ ރައީސްގެ ނިންމެވުމެއް ގޮތަށް އަޅުގަނޑުމެންނާ ހަމައަށް އައިސް އޮތް ކަމެއް ވީމަ އަޅުގަނޑުމެން އެ ނިންމުން ތަންފީޒު ކުރާނަން،" ޝަކީލް ވިދާޅުވި އެވެ.
ދިވެހި ހައްޖުވެރިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑް ރޭލުގައި ކުރަން ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ހަމަޖެއްސި އިންތިޒާމެކެވެ.
ހައި ސްޕީޑް ރޭލުގައި ދަތުރުކުރާ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު މައްކާ އާއި މަދީނާއާ ދެމެދު ދިވެހި ހައްޖާޖީން ކުރާ ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރުގެ ބަސް ދަތުރު ދެ ގަޑިއިރަށް ނުވަތަ ދޮޅު ގަޑިއިރަށް ކުޑަވީ އެވެ.
ޝަކީލް ވިދާޅުވީ 1446 ވަނަ އަހަރަކީ ދިވެހި ޖައްޖާޖީންނަށް މިހާތަނަށް އެންމެ ފުރިހަމަ އިންތިޒާމްތަކެއް ގާއިމުކޮށްފައިވާ އަހަރު ކަމަށާއި އެކަން ދިވެހި ރައްޔިތުން ވެސް ބަލައިގެންފައިވާ ކަމަށެވެ.
"މިދިޔަ ހައްޖުގައި އަޅުގަނޑުމެން މި ފޯރުކޮށްދިން ހިދުމަތް ދިވެހި ރައްޔިތުން ބަލައިގަތް ކަމުގެ ހެއްކެތް ބައެއް ހާޖީން އައިސް އަޅުގަނޑުމެންނަށް އެބަހުރި ކޮމެންޓްކޮށްފަ އެމްޑީއޭ މި ފެންވަރަށް މިހާ ރަނގަޅަށް ކަންތައްތައް ކުރީމަ ހައްޖެއްގެ އިހުސާސް ނުކުރެވޭހާ އަރާމުގައޭ މިތަނުގައި އުޅެފައި މި ދެވެނީ، ހައްޖަކީ ތަކުލީފު ހިމެނޭ ކަމެކޭ ތިމަންނަމެންނަށް ތަކުލީފަކަށް ވާ އެއްވެސް ކަމެއް ނެތޭ ޓެންޓް ތެރެއިން ނުކުންނައިރު ކޮންމެ ޓެންޓެއްގެ ދެ ފަރާތުގައި އެބަ ހުރެޔޭ ފުރިޖު ބަހައްޓާފައި ބޭނުން ވަރަކަށް އައިސްކްރީމް އާއި ދަޅާއި ފުޅި އާއި ޖޫސްޕެކެޓާ މިލްކް ޕެކެޓާ މިކަހަލަ ހުރިހާ އެއްޗެއް 24 ގަޑައިރު ބޮވެން އެބަ ހުރެޔޭ،" ޝަކީލް ވިދާޅުވި އެވެ.
"މިއީ އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ހުރެގެން ވެސް ތިމަންނަމެންނަށް ނުލިބޭ ވަރުގެ ހިދުމަތް ތެކެކޭ، ތަކުލީފުގެ ތެރެއިން ފުރިހަމަ ކުރެވޭ އަޅުކަމެއްގައި އުޅެން ތިމަންނަމެން ބިރު އެބަ ގަނެޔޭ މިހާރު ހައްޖު ރަނގަޅުވާނެތޯ އޭ، މި ލެވެލްއަށް އަޅުގަނޑުމެންނާ އެބަ ސުވާލު ކުރޭ"
ދިވެހި ހައްޖާޖީންގެ ކަންކަން ފުރިހަމަކުރުމަށް ހައްޖު ކޯޕަރޭޝަނުން ކުރާ މަސައްކަތަކަށް ސަރުކާރުގެ ފަރާތުން ރައީސް ޑރ. މުއިއްޒު ދެއްވާ އިސްކަން ފާހަގަ ކުރައްވަމުން ޝަކީލް ވިދާޅުވީ އެގޮތުން ބޭރު ފައިސާ ކިތަންމެ ދަތި ނަމަވެސް ހައްޖުވެރިންގެ ކަންކަމަށް ބޭރު ފައިސާ ބޭނުން ވެގެން އެދޭތާ ދެ ދުވަހެއްގެ ތެރޭ ހައްޖު ކޯޕަރޭޝަނަށް އެ ފައިސާ ލިބޭނެ އިންތިޒާމު އެއްވެސް ފަސްޖެހުމެއް ނެތި ހަމަޖައްސައިދޭ ކަމަށެވެ.
ކޮމެންޓް