މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އަޑިއަށްދިޔަ ބޯޓުގައި ތިބި އެންމެން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މުދާ ބަރުކޮށްގެން، ފަސް މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ "ނަސްރު ބޯޓު މިއަދު 13:22 އެހާކަން ހާއިރު ދިޔަވެ، އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށެވެ.
އަޑިއަށްދިޔަ ބޯޓުން ދަތުރުކޮށްފައިވަނީ ދެ ދިވެހީންނާއި ތިން ބިދޭސީންނެވެ. މި ފަސް ފަޅުވެރީން ވެސް މިހާރު ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ޅ. ނައިފަރަށް ގެންގޮސްދީފަ އެވެ.
ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް ފުލުހުން އެދިފައިވެ އެވެ. އަދި ކަނޑު ދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވެ، މޫސުމާބެހޭ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރު ކުރުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.
މި ހާދިސާ އާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސްފައިވާއިރު، މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެއް ވެސް މިއަދު ވަނީ ބަންޑުންޖަހާލާފަ އެވެ.
އެ ކޮޅުވެއްޓިން ދަތުރުކުރި ހަތް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން، މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ނަގާފަ އެވެ.
ކޮމެންޓް