މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މި ކޮޅުވެއްޓިން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ރޭ ސަލާމަތް ކުރެވިފައިވާއިރު، ގެއްލިފައިވާ ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން، މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ނަގާފަ އެވެ. އެއީ ގއ. ދާންދޫ ސަރުސޫނުގެ އަހުމަދު ޝިފާން، 38، އެވެ.
އަޑިއަށް ގޮސްފައިވާ ކޮޅުވެއްޓީގައި ތިބި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ވަޔާއި، ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ހުއްޓުމެއްނެތި ދިޔައީ ކުރަމުންނެވެ.
ފުލުހުން ދާދި ދެންމެއަކު ބުނީ ހޯދަމުންދަނިކޮށް އިތުރު މީހެއްގެ ހަށިގަނޑު ކޯސްގާޑުގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށާއި މަރުވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ މީހެއް ކަމަށެވެ.
މި ހާދިސާގައި ސްރީލަންކާއަށް ނިސްބަތްވާ މީހަކުވެސް ގެއްލިފައިވާތީ، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް