ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލް މިސްރަށް މި ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދުލްލަތީފުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދުލްލަތީފު އާ ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ވެސް ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މިސްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރައްވާނެ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރު ހަލީލުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ. އަދި ބައިނަލްއަގުވާމީ މަންސަތަކުގައި ދެ ގައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށްފުޅާ ކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެ އެވެ.
މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ހަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮމެންޓް