އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް 500 މިލިއަން ރުފިޔާ އެކަށައަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މި ގޮތަށް ވިދާޅުވީ ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރަމުން ގެންދާ ތަރުތީބަށް އިޝާރާތްކުރައްވައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ސިއްހީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށް ކަމުގައި ވިދާޅުވެފަ އެވެ. އަދި މި ދާއިރާ ތަރައްގީ ކަށަވަރު ކުރުމަށް ޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާނޭ އައު މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސިއްހީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސާޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށް ޓަކައި، އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ގޮތުން މާލެ އާއި، ސަރަހައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ސިއްހީ ހިދުމަތް ފުޅާ ކުރުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއާ އަށް ސަމާލުކަން ދެއްވައިގެންކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް