ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަފޫ ޙާމިދެވެ.
ބިލްގެ މަޤްޞަދު:
-
ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއެރުވުމަށް ބޭރުގެ އިންވެސްޓަރުންގެ އެހީ ހޯދުން
-
ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ބާވަތުގެ ސެކިއުރިޓީޒް ކަނޑައެޅުން
-
ދިވެހިރާއްޖޭގެ ކެޕިޓަލް މާރކެޓް ރެގިއުލޭޓްކުރުން
-
ސެކިއުރިޓީޒްގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ކަނޑައަޅައި، ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތަކާ އުޞޫލުތައް ކަނޑައެޅުން
މި ބިލް މަޖިލީހަށް ހުށަހަޅުއްވަމުން އަފޫ ވިދާޅުވީ، މި އިސްލާޙުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަރުވެ، އެފިޝެންސީ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ފައިނޭންޝިއަލް މާރކެޓް އެކްސްޕޭންޑްވެ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި، މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ.
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގައި ކުރެވިފައިވަނީ 614 ޓްރޭޑް. ބޭރުގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ސެކިއުރިޓީސްގައި އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލުމުން، ދިވެހިރާއްޖޭގައި ޓްރޭޑްކުރާ މިންވަރު އިތުރުވެ، ގްލޯބަލް އިކޮނޮމީގައި ދިވެހިރާއްޖެ ހިމެނުމުގެ މަގު ފަހިވެގެންދާނެ - އަފޫ ފާހަގަ ކުރެއްވިއެވެ.
މި އިސްލާޙުތަކާއެކު ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖޭގެ މާރކެޓަށް ގެނެވި، ރާއްޖޭގެ ކެޕިޓަލް މާރކެޓް ކުރިއަރާނެ ކަމަށްވެސް އަފޫ ވިދާޅުވިއެވެ.
ކޮމެންޓް