ޏ. ފުވައްމުލަކު ސިޓީގައި އޮފީސް އިމާރާތެއް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު،
މުހައްމަދު ޖަމްޝީދެވެ.
މި މަޝްރޫއުގެ ދަށުން، ޑިޒައިން އަދި ސަރވޭގެ މަސައްކަތާއި، 8042 އަކަފޫޓުގެ ސަރަހައްދެއްގައި 10 ފަންގިފިލާގެ އިމާރާތެއް ހެދުމާއި، 2 މީޓަރު އުސް ވަށާފާރެއް ރޭނުމާއި، ލޭންޑްސްކޭޕިން މަސައްކަތްތަކެއް ކުރާނެ އެވެ.
މިއީ 162.89 މިލިއަން ރުފިޔާއަށް 900 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
ފުވައްމުލަކަކީ 14000 މީހުންގެ ބޮޑު އާބާދީއެއް އޮންނަ، ބޮޑު ސިޓީއެކެވެ.
އެ ސިޓީގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނައިރު، ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފަ އެވެ.
އެމްޓީސީސީން ބުނީ މިއަދު ސޮއި ކުރި މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު، ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި އެއް އިމާރާތަކުން ގިނަ އޮފީސަތެކެއްގެ ހިދުމަތް ފަސޭހަކަމާ އެކު ލިބުމަށް މަގުފަހިވާނެ ކަމަށެވެ.
ކޮމެންޓް