ފ. ނިލަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެގެ ދަށުން، އެ ރަށުގައި ބަހައްޓާ 5 ޕަމްޕިން ސްޓޭޝަންގެ 55 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޕެނަލް ޝެޑްތަކާއި، އިންފާރުގެ މަސައްކަތުގެ އިތުރުން ވެންޓް ސްޓެކްގެ ކޮންކްރީޓް މަސައްކަތެވެ.
މީގެ އިތުރުން، ނަރުދަމާ ނިޒާމުގެ ސީ އައުޓްފޯލް އަށް ބޭނުންވާ އެންކާ ބްލޮކްތައް އެއްކޮށް ކާސްޓްކޮށް ނިމިފައިވާއިރު، ހޮޅިލައިންތައް ގުޅުވައި ބަޓް-ވެލްޑިން ކުރުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.
ނިލަންދޫގައި ގާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 21ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ހޮޅި އެޅުމާއި ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އައުޓް ފޯލެއް އެޅުމުގެ އެޅުން އަދި އެކަމާ ގުޅުންހުރި މަސައްކަތްތައް ކުރުން ހިމެނެ އެވެ.
މަޝްރޫއު 540 ދުވަސް ތެރޭ ނިންމުމަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި އަގަކީ 69,327,865.84 މިލިއަށް ރުފިޔާއަށެވެ.
ކޮމެންޓް