މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހާއްސަ އާންމު ޖަލްސާ ބާއްވައި، ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުން އައްޔަންކޮށްފިއެވެ.
އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި ދެ މެންބަރުންނަކީ ހަސަން ހަމޫދާއި އިޔާޒު ވަހީދެވެ. 71.73 އިންސައްތަ ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ބައިވެރިވި މި ޖަލްސާގައި ދެ މެންބަރުން އައްޔަކުރީ، "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށެވެ.
އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، އެމްޕީއޭއޯ ތަމްސީލުކުރާނެ ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް ހަސަން ހަމޫދެވެ. ހަމޫދު މި މަގާމަށް އައްޔަންކޮށްފައިވަނީ، ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 100 އިންސައްތަ (17,186,661 ވޯޓު) ވޯޓާއެކު ކަމުގައި އެމްއައިބީން ބުނެއެވެ.
އެ ބޭންކުގެ ބޯޑަށް އަލަށް އައްޔަންކުރި ހަސަން ހަމޫދު، އިންވެސްޓްމަންޓް އަދި އިކޮނޮމިކް ރިސާޗުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައިވާއިރު، އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެޑިންބަރާ އިން އިކޮނޮމިކްސް އެންޑް ލޯ އިން މާސްޓާސް (އޮނާސް) ހާސިލުކޮށް، ސީއެފްއޭ ޕްރޮގްރާމްގެ ލެވެލް 1 ފުރިހަމަކޮށްފައެވެ.
ހަމޫދު މިހާރު ހުންނެވީ ޕެންޝަން އޮފީހުގެ ސީނިއާ މެނޭޖާ، އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސްގެ މަޤާމުގައެވެ.
މި ޖަލްސާގައި ބޭންކުގެ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށްވެސް މެންބަރަކު ވަނީ އައްޔަންކޮށްފައެވެ. މި މަގާމަށް އިންތިހާބު ކޮށްފައިވަނީ، އިޔާޒު ވަހީދެވެ. އޭނާ މި މަގާމަށް އިންތިހާބުވީ، ވޯޓު ދިން އާންމު ހިއްސާދާރުންގެ 55.20 އިންސައްތަ (352,614 ވޯޓު)ގެ އަގުލަބިއްޔަތުންނެވެ. މިއީ، މިމަގާމަށް އިޔާޒު ވަހީދު އިންތިހާބުވި ދެވަނަ ދައުރެވެ.
ކޮމެންޓް