ބޭންކް އޮފް މޯލްޑިވްސް އަށް 44 އަހަރު ވުމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފަވާ “ބީއެމްއެލް ކާނިވާ 44” މާދަމާ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
ބީއެމްއެލް އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އައްޑޫ ސިޓީގައިވެސް މިފަދަ ކާނިވަލެއް ބާއްވާފައެވެ.
ބީއެމްއެލްއިން މިއަދު ބުނީ، ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކާނިވަލުގައި އިނާމުތައް ހޯދުމުގެ ފުރުސަތާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވިޔަފާރި ކުރުމާއި އާއިލީ ގުޅުން ބަދަހި ކުރެވޭނެ ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށެވެ. އެގޮތުން މި އަހަރުގެ ކާނިވަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އިނާމުތަކުގެ ތެރޭގައި ފަސް މެކްބުކް ނިއޯ އަދި ދެ ބެޓެރި ސައިކަލު ހިމެނެއެވެ.
ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، މި ކާނިވާގައި އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކުގެ އިތުރުން، ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ހިމެނޭނެ ކަމަށެވެ.
ބީއެމްއެލްގެ ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.
ކޮމެންޓް